ކޮވިޑް 19އާ ގުޅިގެން ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފައިވާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ލަންކާގެ ހުރިހާ ސަރަހައްދަކަށް މިއަދު ހެނދުނު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މުއްދަތަށް ލަންކާގައި ކާފިއު އިއުލާކޮށްފައިވާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން އެގައުމުގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ސްރީލަންކާގެ ހުރިހާ ސަރަހައްދަކަށް މިއަދު ހެނދުނު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:00އާ ހަމައަށް ކާފިއު އިއުލާނުކުރެވިފައިވާ ވާހަކަ ދަންނަވަން. ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ސްރީލަންކާގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ..،" ހައި ކޮމިޝަނުގެ ޓުވީޓުގައި ބުނެފައިވެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކަކުން އަންނަނީ އެގައުމުތަކަށް އެތެރެވުން މަނާކުރަމުންނެވެ. އެގައުމުތަކުގެ ސަރުކާރުތަކުގެ އެންގުންތަކަށް އެގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، މިނިސްޓްރީގައި ރަޖިސްޓާވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.