މާލެ ސަރަހައްދުގައި މިއަދު ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ހުކުރު ނަމާދާއި ޖަމާއަތުގައި އެހެން ނަމާދުތައް ކުރުން ހުއްޓާލަން ސަރުކާރުން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މާލެ، ހުޅުމާޅެ، ވިލިމާލޭގައި ތިބި ރައްޔިތުން މިއަދު ގޭގައި ކުރާނީ ހަތަރު ރަކުއަތުން މެންދުރު ނަމާދު ކަމަށެވެ.
"ހުކުރު، އީދު، ކޭތަ، އިސްތިސްގާ ނަމާދު ފަދަ ޝިއާރުތައް ގާއިމުކުރުމަކީ ޝަރީއަތުގައި ހާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް. މިނިސްޓްރީން ނެރެފައިވާ ސާކިއުލާއާ ގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 21 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ ހަތަރު ރަކުއަތުން މެންދުރު ނަމާދު." އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ އިން ފެށިގެން އެއް ހަފްތާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރުކާރު ބަންދުކުރަން ވެސް ނިންމަވައިފައެވެ.