ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ ތިރީސް ދުވަހުގެތެރޭގައި ފަށަން ހަމަޖެހިފައިވާ ތިމާވެށި ސިލްސިލާގެ ފޯރަމް "ތިމާވެށި މައްތިރި" ފަށައިފިއެވެ.
ޝީ ބިލްޑިންގުގައި މިއަދު ފެށި އެފޯރަމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ޑރ. ހުސެއިން ރަޝީދެވެ.
"ތިމާވެށި މައްތިރި" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތް ކުރުމަކީ މިޖީލުގެ ދިވެހި ރައްޔިތުންގެ މައްސޫލިއްޔަތެއް ކަމަށާއި، އަދި އެމައްސޫލިއްޔަތު އެނގިތިބެ ޒިންމާދާރުކަންމަތީ އަދާ ކޮށް މިޖަޒީރާ ގައުމު ޖަޒީރާ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލަށް ވާސިލް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމުގައެވެ
މިނިސްޓަރު ހުސެއިން ރަޝީދު އިރުތަށް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަންޖެހޭ ބަޔަކީ ރަށްރަށުގެ ކައުންސިލްތައް ކަމަށާއި ކައުންސިލްތަކަށް އެކަން ކުރުމަށް މަގުފަހި ކުރަން ޖެހޭނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގްރީން ފަންޑް އުފައްދާނެ ކަމަށާއި އެފަންޑު އުފެދުމާއެކު ކައުންސިލްތަކަށް ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ވައުދެއް މިއީ ރަށްރަށާއި ގާތުގައި ހުންނަ ފަޅުރަށްރަށުގެ ބިންތައްކައުންސިލާ ހަވަލުކުރުން. އެތަންތަނުން ކައުންސިލަށް ފައިސާލިބި ކައުންސިލްތައް ތަނަވަސްވެ ކުނިމެނޭޖް ކުރުމުގެ ކަންކަމަށް ކައުންސިލުން އަމިއްލައަށް ހަރަދު ކުރެވޭނެ.." މިނިސްޓަރ ޑރ. ހުސެން ވިދާޅުވިއެވެ.
"ތިމާވެށި މައްތިރި" ފޯރަމްގެ ފުރަތަމަ ފޯރަމްގައި މިއަދު ބައިވެރިވެފައިވަނީ އއ، އދ އަދި ކ އަތޮޅުގެ ކައުންސިލްތަކުގެ ކައުންސިލަރުންނެވެ.