ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 26 ރުފިޔާ ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު 961.74 މިލިއަން ރުފިޔާގެ ތެރެއިން ޑިވިޑެންޓުގެ ގޮތުގައި ބެހުމަށް ނިންމާފައިވަނީ 139.93 ރުފިޔާއެވެ.
ބީއެމްއެލުން ބުނީ ޑިވިޑެންޓުގެ ގޮތުގައި 139.93 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުންގެ އާންމު ޖަލްސާ އިން ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށާއި އެއީ ހިއްސާއަކަށް 26 ރުފިޔާ ކަމަށެވެ.
އެ އަދަދަކީ ޑިވިޑެންޓުގެ ގޮތުގައި މިދިޔަ އަހަރު ބެހި އަދަދަށްވުރެ 8.3 ޕަސަންޓް އިތުރު އަދަދެއް ކަމަށާއި މިއީ ޑިވިޑެންޓުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރުކަން ވެސް އެ ބޭންކުން ބުނެއެވެ.
މިދިޔަ އަހަރު ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމީ 129.17 ރުފިޔާއެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ 2018 ވަނަ އަހަރާ އަޅާބަލާއިރު ދެ ޕަސަންޓަށް ވަނީ އިތުރުވެފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 961.74 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާރޖު އިތުރުވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް ބީއެމްއެލުން ބުނެއެވެ.
ބޭންކުގެ އެސެޓް 491 މިލިއަނާ ހަމައަށް އިތުރުވެފައިވާ އިރު، ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމުކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ކަމަށްވެސްް ބުނެފައިވެއެވެ.
ބޭންކުން ބުނީ ފަހު ކުއާޓަރުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރު ހުޅުވި ކަމަށެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ތައާރަފު ކޮށްފައިވާ ކަމަށެވެ. ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނ. ވެލިދޫގައި ބްރާންޗެއް ގާއިމުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބޭންކުން ބުނީ، ހުސްވި އަހަރު އެ ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.