ޚަބަރު

އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި

އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރުސީއެމުން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19އާ ގުޅިގެން އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ކަމަށާއި އަދި ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާ ކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

"ކޮވިޑް 19އާ ގުޅިގެން ދިވެހިރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށާއި އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާ ކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ވަނީ ފަށައިފައެވެ..،" އެޗްއާރުސީއެމްގެ ޓުވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން ކުންފުނިތަކަށް ލިބެމުންދާ އިގުތިސާދީ ގެއްލުމުގެ ސަބަބުން ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ އިރު، އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަކިނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އިގުތިސާދީ ހާލަތު ދަށްވެފައިވާތީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން 2.5 މިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށް، ބޭންކް ލޯނުތައް ހަ މަހަށް ފަސްކޮށްދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.