އައިލެންޑް ސަފާރީ 1 އިން ކޮވިޑް 19އަށް ޕޮޒިޓިވްވި އެކަކު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ޑީއެޗް11 ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެމީހާ ޑީއެޗް11 އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލަތު ގާތުން ބެލުމަށް ކަމަށެވެ.
"ސަފާރީ އައިލެންޑް 1 އިން ކޮވިޑް 19އަށް ޕޮޒިޓިވްވި ބިދޭސީއަކު ގާތުން އޮބްޒާވްކުރުމާއި މޮނީޓާކުރުމަށް ޑީއެޗް11 ފެސިލިޓީއަށް ވަނީ ބަދަލުކުރެވިފައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
އައިލެންޑް ސަފާރީން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އެ ދެ މީހުން ވެސް ކަރަންޓީނުކުރުމަށް ގެންދެވުނީ ފަރުކޮޅުފުއްޓަށެވެ. އަދި އެ ސަފާރީން ދަތުރުކުރި އެހެން އެންމެން ވަނީ އެކަހެރިކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.