ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތްދިނުން މަނާކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅަކީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އަޅާ ފިޔަވަޅެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 12:00 އިން ފެށިގެން ރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.
އެ ފިޔަވަޅަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކާއި ފަރާތްތަކަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.