އަލީ ޔާމިން
ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވް ގޭހުގެ ހުރިހާ ޑެލިވަރީ ވެހިކަލްތަކެއްގެ އިތުރުން ގޭސް ފުޅިތައް ޑިސްއިންފެކްޓް ކޮށްފިއެވެ.
މޯލްޑިވް ގޭހުން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑަށް އެ ކުންފުނީގެ ހުރިހާ އައުޓްލެޓަކުން ގޭސް ސިލިންޑަރުތަކާއި، ގޭސް ފުޅި ޑެލިވާކުރުމަށް ބޭނުންކުރާ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ.
ގޭގޭގެ އިތުރުން އަތޮޅު ތެރެއާއި ރިސޯޓުތަކަށް ފޮނުވާ ގޭސް ސިލިންޑަރުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި ސިލިންޑަރުތަކެއްކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއްދޭ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.
ޑެލިވަރީ ވެކިލްތަކާއި ގޭސް ސިލިންޑަރުތައް ޑިސްއިންފެކްޓް ކުރުމުގެ ޕްރޮގްރާމް މޯލްޑިވް ގޭހުން ފަށައިފައިވާއިރު، ރާއްޖެއިން ކޮވިޑް 19 ފެނިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އަދި މެނޭޖްމަންޓްގެ އިސް ބޭފުޅުން މިއަދު ވަނީ ގޭސް ޑެލިވާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.
މޯލްޑިވް ގޭހުން ބުނީ މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް ސަރުކާރު އޮފިސްތައް ބަންދު ކުރިކަމުގައިވީ ނަމަވެސް އެކުންފުނިން ފޯރުކޮށްދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބަދަލެއް ނައިސް ކުރިއެކޭވެސް އެއްގޮތަށް އެ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.