ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13ގެ "މަޑިސީލަ" ޕްރޮގްރާމު ހުއްޓާލަން އަންގައިފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމު ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޗެނަލަށް އަންގައިފިއެވެ.

ބްރޯޑްކޮމް އިން އެގޮތަށް ނިންމާފައިވަނީ "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން ބެލި މައްސަލައަކަށްފަހުއެވެ.

އެ މައްސަލައިގައި ބްރޯޑްކޮމް އިން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ "މަޑިސީލަ" ޕްރޮގްރާމް އުނިކުރުމަށާއި، ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށެވެ.

ބްރޯޑްކޮމް އިން ބުނީ އެ މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް އެ ކޮމިޝަނުން ކުރުމުގައި، ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތުދީފައިވާ ކަމަށެވެ.

މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ޖަވާބުދާރީވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދިން ފުރުސަތުގައި "މަޑިސީލަ" ޕްރޮގްރާމުގައި ކޮވިޑް 19 އާ ބެހޭގޮތުން ގެނެސްދީފައިވާ މައުލޫމަތާކީ މުއުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބުނެފައިވީ ނަމަވެސް، އެ މައުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބެލެވެންނެތަތީ، އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ހިލާފުވާކަމެއް ކަމަށް ކަނޑައަޅައި، "ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު" ގެ 7 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގެ ދަށުން އެ ފިޔަވަޅުތައް އަޅާ ކަމަށް ބްރޯޑްކޮމްގެ ނިންމުމުގައި ބުނެފައިވެއެވެ.