ޚަބަރު

މާލެ-ތިލަފުށި ބުރިޖުގެ ސާވޭ ބޯޓު މާލޭގައި ބަނދަރުކޮށްފި

އަލީ ޔާމިން

މާލެ-ތިލަފުށި ގުޅާލާ ބުރިޖު އެޅުމަށް ހަދަންޖެހޭ ސާވޭތައް ހަދާ ބޯޓު މާލޭގައި ބަނދަރުކޮށްފިއެވެ.

އެމްބާޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓު މާލެއާ ހަމައަށް އުފުލި އުޅަނދަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްތަކުގައި ބޭނުން ކުރި ކެރޭން ބާޖާއި ޓަގް ބޯޓުތައް އަނބުރާ ގެންދިއުމަށް ބޭނުން ކުރި އެމް.ވީ ޑިވެލޮޕްމަންޓް ވޭ އެވެ.

ކަނޑުއަޑީގެ ދިރާސާތައް ކުރުމަށް ހާއްސަ އެމްބާޖެކުން މާލެ އާއި ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށި ސަރަހައްދު ގުޅާލުމަށް ޕްލޭން ކުރެވިފައިވާ ބުރިޖުގެ ތަނބުތައް ފެތުރޭ ކަނޑުގެ ސަރަހައްދު ސާވޭ ކުރާނެއެވެ.

އެމްބާޖެކް ބޭނުންކޮށްގެން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅައި ސާވޭ ކުރާއިރު އެއްގަމުގެ ފަސް ސަރަހައްދެއްގައިވެސް 75 މީޓަރު ފުން މިނެއްގައި ބޯހޯލް އަޅައިގެން ސާވޭ ކުރާނެއެވެ. އެ ބޯޓު އަންލޯޑް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މާލެ-ތިލަފުށި ގުޅާލާ ބުރިޖުގެ ސާވޭތަކެއް ހަދަން 246 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ފުގްރޯއާއެވެ.