ޚަބަރު

"މިވަގުތު އެންމެ މުހިންމީ ވަރުގަދަ ފިޔަވަޅުތަކާއެކު ބަލި ހުއްޓުވުން، އެއަށްފަހު ރާއްޖޭގެ އެނދުތައް ފުރާލަދީ"

މިވަގުތު އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކީ ވަރުގަދަ ފިޔަވަޅުތަކާއެކު ކޮވިޑް 19 އިން ރާއްޖެ ސަލާމަތްކޮށް، މި ބަލި ހުއްޓުވުން ކަމަށާއި އެއަށްފަހު ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޔޫއެންޑަބްލިޔުޓީއޯގެ ފަރާތުން އިންތިޒާމުކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން"ގައި ޔޫއެންޑަބްލިޔުޓީއޯ ސައުތު އޭޝިއާ ރީޖަން ކޮމިޝަންގެ ޗެއާގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް 19 އިން ސަލާމަތްވުމަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށާއި އެކަމުން ސަލާމަތްވާނެ ކަމަށެވެ. އަދި އެއްވެސް މުޖުތަމައަކަށް މި ބަލި ނުޖެހޭ ކަމަށް ނުވަތަ ބަލީގެ ސަބަބުން އަސަރު ނުކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މިކަމަށް ތައްޔާރުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މި ބައްޔާ ކުރިމަތިލައި، ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު މިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށާއި ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެކުވެރި ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖެއިން ދާދި އަވަހަށް މިކަމުން އަރައިގަނެ، ދުރު ނޫން ކުރިމަގެއްގައި ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލި، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރި އަދި އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކީތަކް ލިމް، އައިސީއޭއޯގެ ސެކްރެޓަރީ ޖެނެރަލް ފޭންގް ލިއު، ޔޫއެންޑަބްލިޔުޓީއޯގެ އެގެޒެކެޓިވް ކައުންސިލްގެ ޗެއާ ނަޖީބް ބަލާލާ، އެފްރިކާ ރީޖަން ކޮމިޝަންގެ ޗެއާ ރޮނަލްޑް ޗިޓޯޓެލާ، އެމެރިކާސް ރީޖަން ކޮމިޝަންގެ ޗެއާ އަދި ޖެމެއިކާގެ ޓޫރިޒަމް މިނިސްޓަރު އެޑްމުންޑް ބާޓްލެޓް، ޔޫރަޕް ރީޖަން ކޮމިޝަންގެ ޗެއާ އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރު ހެރީ ތިއޯހެރިސްގެ އިތުރުން އީސްޓް ރީޖަން ކޮމިޝަންގެ ޗެއާ މުހައްމަދު ޚާމިސް އަލް މުހައިރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރު ރޭސް މަރޮޓޯ އާއި ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު ބިން އާގިލް އަލް ޚަތީބު ވެސް ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ.

އެ ބައްދަލުވުމުގައި ނިންމި ނިންމުތަކުގެ ތެރޭގައި ކްރައިސިސް ކޮމިޓީއެއް އެކުލަވާލުމާއި، ކުރު އަދި ދިގު ރާސްތާގެ ރެސްކިއު ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.