ޚަބަރު

ވަކީލުން ސަސްޕެންޑު ކުރުމުގެ ބާރު ސުޕްރީމް ކޯޓުން ނެގުމަށް ހުށަހެޅި ބިލު ބަލައިގެންފި

އަހުމަދު ޖައިޝަން

ވަކީލުންނަށް ކޯޓުތަކުގައި ވަކާލަތުކުރުމުގެ ހުއްދަ އާއި އެމީހުން ސަސްޕެންޑުކުރުމުގެ ބާރު ސުޕްރީމް ކޯޓުން ނެގުމުގެ ބިލު މަޖިލީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ބިލު ރޭގައި ބަލައިގެންފައި ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

އިމްތިޔާޒް ވިދާޅުވީ އެ ބިލު ހުށަހަޅާފައި ވަނީ ކޯޓުތަކުން ވަކީލުން ރެގިއުލޭޓްކޮށް އެ މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި ކަމަށެވެ.

އަދި އަދުލު އިންސާފު ލިބިދިނުމުގައި ވަކި ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަން ކަމާއެކު ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ ބާރު ދިނުމަކީވެސް އެ ބިލު ހުށަހެޅިކަމުގެ ސަބަބެއް ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

އޭނާ ހުށަހެޅި ބިލްގައި ބުނެފައިވަނީ ވަކީލުންގެ ކަންކަމާ ހަވާލުވާން މުޅީން އާ އެސޯސިއޭޝަނެއް ހުޅުވަން ޖެހޭނެ ކަމަށެވެ.

"ބާ އެސޯސިއޭޝަން"ގެ ނަމުގައި ހުޅުވަން ހުށަހަޅުއްވާފައިވާ އެ އެސޯސިއޭޝަންގެ މަގްސަދަކަށް ވާނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކުރުމާއި ވަކީލުންނަށް ހުއްދަ ދިނުމާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ވަކީލުންގެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދާކަން ކަށަވަރުކުރުން ކަމަށް އެ ބިލުގައި ފާހަގަކޮށްފައިވެއެވެ.