ޚަބަރު

ކޮވިޑް 19އަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން ބޮޑުފޮޅުދޫ އާއި ސަފާރީއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް 19އަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން އއ. ބޮޑުފޮޅުދޫ އާއި ސަފާރީއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ބޮޑުފޮޅުދޫގައި ހިންގާ ހޮލިޑޭ ވިލެޖް ގެސްޓްހައުސް އިން ބައްޔަށް ޝައްކުކުރެވޭ ބިދޭސީއަކު ފެނިފައިވާ ކަމަށާއި އީކުއޭޓާ ސަފާރީން އެއް ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

"ހޮލިޑޭ ވިލެޖް، ބޮޑުފޮޅުދޫ އިން އެއް ބިދޭސީއެއް ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ރިޕޯޓުކުރެވިގެން މޮނީޓަރިންގެ ހާލަތަށް ރަށް ވަނީ ގެނެވިފައި. އެ ރަށަށް ޑޮކްޓަރުންގެ ޓާސްކްފޯސް ޓީމެއް އެބަ ދަތުރުކުރޭ. އީކުއޭޓާ ސަފާރީން އެއް ދިވެއްސެއް ބަލީގެ އަލާމާތްތައް ހުރި ކަމަށް ރިޕޯޓުކޮށްފައިވާތީ އެ ސަފާރީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. އެ ސަފާރީއަށް ވެސް ޑޮކްޓަރުންގެ ޓީމެއް އެބަ ދަތުރުކުރޭ،" އޭނާ ވިދާޅުވިއެވެ.

ރަށަކުން ނުވަތަ ސަފާރީ އާއި ޔޮޓް ފަދަ އުޅަނދަކުން ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ނަމަ، އެތަނެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށް މޮނީޓަރިންގެ ހާލަތަށް ގެނެއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.