ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި ފަރާތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ފަރާތްތަކާ ބެހޭގޮތުން ކުރަން ބޭނުންވާ އެއްވެސް ސުވާލެއް އޮތް ނަމަ 7290223 އާ ގުޅުމަށް އެދޭ ކަމަށެވެ.
"މި ކުދިންނާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ، ނުވަތަ މި ކުދިންނާ ގުޅޭގޮތުން ކުރަން ބޭނުންވާ ސުވާލެއް އޮތް ނަމަ ހޮޓްލައިނަށް ވަނީ ވަކި ނަންބަރެއް ގާއިމުކުރެވިފައި. އެ ނަންބަރަކީ 7290223. މި ނަންބަރާ ގުޅައިގެން މި ކުދިންނާ ގުޅޭ އެކިއެކި ކަންކަމުގައި ވާހަކަދެއްކޭނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ނަންބަރު އެކްޓިވް ވާނެ ގަޑިތަކަކީ ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށާއި ހުކުރު ދުވަހު މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި އާއިލާތަކުން އެ ފަރާތްތަކަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އެތަކެތި ބަލައިގަތުމުގެ ގަޑިއަކީ ހެނދުނު 9:00 އިން ހެނދުނު 11:00 އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.