ޚަބަރު

ޔުނިވާސަލްގެ ރިސޯޓުތައް ވަގުތީގޮތުން ހުއްޓާލައި، މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ތިން މަހުގެ ޗުއްޓީއެއް

ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގާ ރިސޯޓުތައް ވަގުތީގޮތުން ހުއްޓާލައި، މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

ޔުނިވާސަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ރާއްޖޭގެ އިގުތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށްވެފައި، އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތްތަކަކީ ފަތުރުވެރިކަމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ މުވައްޒަފުންނަށް ކަމަށެވެ.

ދުނިޔެއަށް ދިމާވަމުންދާ އިގުތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް ޔުނިވާސަލް ވާނެ ކަމަށާއި އެހެންނަމަވެސް ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް އަދި ހިންގުން ވެސް މުޅިން ހުއްޓާނުލައި ކުރިއަށްގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

"މިވަގުތު ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓިފައިވުމާއި، ކުރިއަށްއޮތް މަސްތަކަށް އެއްވެސް ބުކިންތަކެއް ނެތުމާއެކު، އޭޕްރީލް މަހުން ފެށިގެން ކުރިއަށްއޮތް ތިން މަސްދުވަހަށް މި ކުންފުނީގެ ހުރިހާ ރިސޯޓުތަކުގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ. އަދި މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖަކާއެކު، މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ނިންމައިފައެވެ..،" ޔުނިވާސަލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޔުނިވާސަލުން ބުނީ އެ ނިންމުން ކޮންމެ މަހަކު އެއްފަހަރު މުޠާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަވުމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށާއި އަދި ކުރިއަށްއޮތް ރޯދަ މަހުގެ އިނާޔަތާއި މިމަހުގެ މުސާރައާއި ސާވިސް ޗާޖު އެއްވެސް އުނިކަމެއްނެތި ހުރިހާ މަވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ދޭނެ ކަމަށެވެ.

ޔުނިވާސަލްގެ ރިސޯޓުތަކުގައި 3200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. މިފަދަ ކޮންމެ ކާރިސާއެއްގައި އެ ކުންފުނިން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ ރާއްޖޭގެ އިގުތިސާދަށާއި، ކުންފުނީގެ ދެމިއޮތުމަށާއި، މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް ޔުނިވާސަލުން ބުނެއެވެ.