ކޮވިޑް 19އާ ގުޅިގެން ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދުކުރުމަށް އަންގައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅަކީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އަޅާ ފިޔަވަޅެއް ކަމަށެވެ.
ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ބަންދުކުރަން ވަނީ އަންގައިފައެވެ. އޭގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައް ވެސް ހިމެނެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުން ވެސް މަނާކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.