މެލޭޝިއާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ވިސާ ހަމަވާ ދިވެހިންނަށް އިތުރު ފީ އަކާ ނުލައި މެލޭޝިއާއިން ފުރައިގެން ދެވޭނެ ކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.
ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދިއުމާ ގުޅިގެން މެލޭޝިއާ މެލޭޝިއާ ސަރުކާރުން މި މަހުގެ 16 ވަނަ ދުވަހު ނެރެފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑާ" ގެ ދަށުން މިމަހުގެ 18 އިން 31 ގެ ނިޔަލަށް އަޅާފައިވާ ފިޔަވަޅާ ގުޅިގެން، އެ މުއްދަތުގައި ވިސާ ހަމަވާ ފަރާތްތަކަށް އިތުރު "ސްޕެޝަލް ޕާސް" އަކާ ނުލައި އެގައުމުން ފުރައިގެން ދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގެ އިމިގްރޭޝަނުން އަންގާފައިވާ ކަމަށެވެ.
ހައި ކޮމިޝަނުން ބުނީ އެގޮތަށް ފުރައިގެން ދެވޭނީ އެ މުއްދަތުގެ ތެރޭގައި ވިސާ ހަމަވާ ދިވެހިންގެ ތެރެއިން މުއްދަތު ހަމަ ނުވާ ޕާސްޕޯޓް އޮންނަ ދިވެހިންނަށޤ ކަމަށެވެ.
މީގެ އިތުރުން މެލޭޝިއާއިން ފުރަން ބޭނުންވާ ފަރާތްތަކުން މައްސަލައެއް ދިމާވެއްޖެނަމަ ހައިކޮމިޝަންގެ އީމެއިލް: [email protected] ނުވަތަ 60126557895+ އަށް ޕާސްޕޯޓުގެ ޑޭޓާޕޭޖާއި މުއްދަތު ހަމަވެފައިވާ ވިސާޕޭޖުގެ ފޮޓޯއެއް ފޮނުވައި ދިނުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އިއްޔެ އިން ފެށިގެން މެލޭޝިއާ ލޮކްޑައުންކޮށްފައިވާ އިރު، މިމަހުގެ 31ގެ ނިޔަލަށް މެލޭޝީއާގައި ތިބި އެހެން ގައުމުތަކުގެ ފަރާތްތަކަށް ވެސް މެލޭޝިއާ ދޫކޮށް ނުދެވޭ ގޮތަށް ވަނީ ނިންމައިފިއެވެ. ނަމަވެސް އޭގެ ތެރެއިން ވިސާ ހަމަވާ ފަރާތްތައް އިސްތިސްނާވާނެއެވެ.