ޚަބަރު

ކޮވިޑް 19އާ ގުޅިގެން ހޮސްޕިޓަލަށް ނުދާން ބާރު އަޅާތީ، އޭޑީކޭގެ ރިޕޯޓުތައް ދެން ފޮނުވާނީ ފޯނަށް

މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މަޖުބޫރު ވެގެން ނުނީ ހޮސްޕިޓަލަށް ނުދާން އިލްތިމާސް ކޮށްފައިވާތީ އޭޑީކޭ ހޮސްޕިޓަލުގެ ރިޕޯޓްތައް ފޯނަށް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާދަމާ އިން ފެށިގެން ލެބޯޓަރީ، އެމްއާރުއައި އަދި ސީޓީ ސްކޭންގެ ނަތީޖާ މީސްމީޑިއާ ޒަރިއްޔާއިން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޭޑީކޭ އިން ވަނީ އޮންލައިން ފުލޫ ކުލިނިކެއް ވެސް ހުޅުވައިފައެވެ. އަދި މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް އެ ހޮސްޕިޓަލްގެ އިދާރީ އޮފީހުގެ މަސައްކަތްތަކުގެ ވަގުތު ކުރުކޮށް، ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ވަނީ ހަމަޖައްސައިފައެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމުގެ ގޮތުން ހޮސްޕިޓަލަށް ނުދާން އިލްތިމާސްކޮށް ސަރުކާރުން ވެސް ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން އެކިއެކި ބަލިތަކާ ގުޅިގެން ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން، ބޭސް ސިޓީއާކުރުމަށްޓަކައި ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް އާސަންދަ އިން ދަނީ ކުރަމުންނެވެ.