ޚަބަރު

ކޮވިޑް 19 : ޕީޖީގެ މަސައްކަތްތައް ވެސް އޮންލައިން ޕްލެޓްފޯމަށް

މަރިޔަމް ޝަހުދާ

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީހު)ގެ މަސައްކަތްތައްވެސް އޮންލައިން ޕްލެޓްފޯމަށް ބަދަލުކޮށްފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލް ޓުވިޓަ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓާއެކު އޯޑިއޯ/ވީޑިއޯ ކަނެކްޝަން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ކުރިއަށް ދިޔަ ރިމާންޑް އަޑުއެހުމެއްގެ ފޮޓޯއެއް ޕީޖީން ވަނީ ހިއްސާކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވީ ޕްރޮސެކިއުޓާ އައިޝާ އަޒޫރު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޕްރީ ޓްރަޔަލްގެ ކަންކަން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އޮންލައިންކޮށް ރިމާންޑް އަޑުއެހުންތައް ކުރިއަށްގެންދަނީ ދިރާގުގެ އެހީތެރިކަމާއެކުކަން ޕީޖީ އޮފީހުން ފާހާގަކުރެއެވެ. އަދި މުއްދަތު ޖެހުމުގެ މަސައްކަތްތައް މިފަދައިން ކުރިއަށް ގެންދިއުމަކީ ވަގުތު ސަލާމަތްވުމުގެ އިތުރުން ކުރަން ޖެހޭ ހަރަދުތައްވެސް ސަލާމަތްވާނެ ކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުގެ މި ނިންމުން ނިންމާފައިވަނީ ކޮވިޑް 19 އާ ގުޅިގެން މިމަހު 29ގެ ނިޔަލަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވަނިކޮށެވެ.