ޚަބަރު

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ވިސާގެ މުއްދަތު ހަމަވާ މީހުންނަށް އިތުރު 30 ދުވަސް ދޭން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރޯގާގެ ސަބަބުން ސްރީލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެގައުމުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި، އެގައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމް އެގައުމުން ހަމަޖައްސައިފިއެވެ.

އެކަން އިއުލާނު ކުރެއްވީ ކޮވިޑް19 އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަަޒީޒްއެވެ.

ރާއްޖޭގޭ ފޮރިން މިނިސްޓްރީން ވެސް ވަނީ ސްރީލަންކާ ސަރުކާރުން މިމަހުގެ 14 ވަނަ ދުވަހުން 12 އޭޕްރިލް އާ ދެތެރޭ އެ ގައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަން ޔަގީންކޮށްދީފައެވެ.

އެގޮތުން ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަން ޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުން ހުރި ސްޓޭމްޕް ޖެހުމަށް ޓަކައި، އަންނަ މަހުގެ އަށެއް އަދި ނުވަ ވަނަ ދުވަހު ސްރީލަންކާގެ އިމިގްރޭޝަންގެ ވިސާ ޑިވިޝަން އަށް ހާޒިރު ވުމަށް ވަނީ އެދިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިގޮތަށް ނިންމުމާ ގުޅިގެން ސްރީލަންކާގައި މިވަގުތު ކުރު މުއްދަތުގެ ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށް ވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތި ވިސާގެ މައްސަލަތަކަށްވެސް ހައްލު ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.