މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ނަމުގައި ފޭކް ފޯނު ކޯލުތަކެއް ކުރަމުންދާތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އެ ޖަމިއްޔާ އިން އެދިއްޖެއެވެ.
ރެޑް ކްރެސެންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މައުލޫމާތު ސާފުކުރުމަށް ރެޑް ކްރެސެންޓުގެ ނަމުގައި ފޭކް ފޯނު ކޯލްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ޖަމިއްޔާގެ ނަމުގައި އާންމުންގެ ޒާތީ މައުލޫމާތު ހިމެނޭ ސާވޭއެއް ކުރަމުން އަންނަ ކަމުގެ މައުލޫމާތު އެޖަމިއްޔާ އަަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެޖަމިއްޔާ އިން އެފަދަ ފޯނު ކޯލުތަކެއް ކުރަމުން ނުދާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ. އަދި ރައްޔިތުން އެކަމަށް ސަމާލުވުމަށް ރެޑް ކްރެސެންޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ރެޑް ކްރެސެންޓުން އަންނަނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ސަރުކާރަށް ވާގިވެރިވެ، ސަރުކާރާއެކު މަސައްކަތް ކުރާ މިނިވަން ޖަމާއަތެއްގެ ގޮތުގައި ދައުލަތުން އެކުލަވަލާފައިވާ ޓާސްކްފޯހުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ރެޑް ކްރެސެންޓުން އަންނަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން އާންމުން ހޭލުންތެރިކޮށް، އާންމުންގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.