އިނގިރޭސި ވިލާތުގެ ސުކޫލުތައް ބަންދުކޮށް އެ ސުކޫލުތަކުގެ ދަރިވަރުންނަށް މޭ އަދި ޖޫން ގައި ދިނުމަށް ހަމަޖައްސައިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައިވީ ނަމަވެސް، ރާއްޖޭގައި ދިނުމަށް ހަމަޖައްސާފައިވާ އޭ ލެވެލް އިމްތިހާނު ނުބާއްވާ ގޮތަށް އަދި ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަހަރުގެ ހޫނު މޫސުމުގައި (މޭ/ޖޫން) ގައި ދިނުމަށް ހަމަޖައްސާފައިވާ އިމްތިހާނުތައް ކެންސަލް ކުރިކަމުގައި ވީނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒަމިނޭޝަން) ތަކާއި މެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސުކޫލުތައް ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެބަލި ރާއްޖެއިން ފެނި ސްކޫލުތައް ދެ ހަފުތާ އަށް ބަންދު ކޮށްފައިވާއިރު މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ވަނީ ސަރުކާރު ވެސް ބަންދުކޮށްފައެވެ.