މިއަދުން ފެށިގެން މިމަހު 25 ނިޔަލަށް ސްރީލަންކަން އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.
ސްރީލަންކަން އެއާލައިނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އެއާލައިންގެ މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން ކޮލަމްބޯގެ އެއާޕޯޓު ބަންދު ކުރުމަށް ހަމަޖައްސާފައިވާތީ ނިންމި ނިންމުމެއް ކަމަށެވެ. ސްރީލަންކާ ސަރުކާރުން ކޮލަމްބޯ އެއާޕޯޓު ބަންދު ކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އެ އެއާލައިނުން ލަންކާއިން ރާއްޖެއަށް އަދި ރާއްޖެއިން ލަންކާއަށް ކުރާ ދަތުރުތައް މި މުއްދަތަށް މެދު ކަނޑާލާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މިމުއްދަތުގައި ދަތުރު ކުރުމަށް އެ އެއާލައިނުން ޓިކެޓް ނަގާފައިވާ ފަރާތްތައް އެ އެއާލައިނަށް ގުޅުމަށް ސްރީލަންކަން އިން އެދެއެވެ. އެގޮތުން އެ އެއާލައިނުގެ ނަންބަރު 3333668، 7797673، 7936778 އަދި 7926778 އަށް ގުޅުމަށް އެ އެއާލައިނުން އެދެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ 50އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ސްރީލަންކާއިން ވަނީ ފެނިފައެވެ. އަދި މި ބަލިން ރައްކާތެރިވުމަށް އެގައުމުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.