ޚަބަރު

ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިއެއްގައި ވެސް މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓުން ދީފި

މަރިޔަމް ޝަހުދާ

ސްކޫލުތައް އަލުން ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައިވެސް މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކޮށްގެން މާލެތެރޭގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓު އޮތޯރިޓީން ދީފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް މިމަހު 17 އިން ފެށިގެން މި ހުއްދަ ދީފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ ކުރިން މާލެ އަދި ހުޅުމާލޭގައި ވަކި ގަޑިތަކެއްގައި 350 ކިލޯއިން ފެށިގެންމަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން ޓްރާންސްޕޯޓުން ވަނީ މަނާކޮށްފައެވެ. އެއީ 11:30 އިން 13:30 އާއި ދެމެދުއެވެ. މިއީ އާންމުކޮށް ސްކޫލުތަކުގެ އެއްދަންފަޅީގެ ދަރިވަރުން ނިމި އަނެއް ދަންފަޅީގެ ދަރިވަރުން ސްކޫލުތަކަށް ދާ ގަޑިކަމަށްވުމުން އެގަޑީ މާލޭގައި ކާރޫބާރޫ ބޮޑުވެއެވެ.

ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ސްކޫލުތައް މިހާރު ވަނީ ބަންދު ކޮށްފައެވެ. މީގެ ކުރިން އަންނަ ހަފުތާގައި ސްކޫލުތައް ފެށުމަށް އޮތް ނަމަވެސް ސަރުކާރުން ވަނީ އިތުރު ހަފުތާއަކަށް ސްކޫލުތައް ބަންދު ކުރުމަށް ނިންމާފައެވެ.