އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ސަރުކާރު ހިންގާ ކޯލިޝަނުން މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނާއި އިސްވެރީން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް މާދަމާ އިއުލާން ކުރުމަށް ވަނީ އެ ޕާޓީން ކުރީން ނިންމާފައެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކޯލިޝަންގެ ތެރެއިން ވާދަކުރާ އިރު، އެ ޕާޓީއަށް ވެސް ލިބިގެންދާނީ ވަކި ދާއިރާތަކެއްގައި ވާދަކުރުމުގެ ފުރުސަތެވެ. ކޯލިޝަންގައި އެމްޑީޕީގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އެވެ.
މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ކުރިޔަށްދާ އިރު، އެމްޑީޕީން އެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ނިކުންނަން ޖެހޭނެ ކަމަށް ޕާޓީގެ އިސް ބައެއް އެކްޓިވިސްޓުން ގެންދަނީ ބުނަމުންނެވެ.