މާލެ ލޮކްޑައުންއަކަށް ދާން އުޅޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ފިޔަވަޅެއް އަޅަން ރާވަފައި ވެސް ނުވާ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މާދަމާއިން ފެށިގެން މާލެ ލޮކްޑައުންއަކަށް ދާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑާ ވަރަށް ގިނައިން ފަރާތްތަކުން ކުރާ ސުވާލެއް، ވާހަކަ އެބަދެކެވެއޭ މާދަމާއިން ފެށިގެން މާލެ ލޮކްޑައުންއަކަށް ދަނީއޭ. ފިހާރަތައް ވެސް ބަންދޭ، އެންމެންވެސް ގޭގައި ތިބެން ޖެހެނީއޭ. އެއީ ހަމަ ސީދާ ދޮގެއް. އެކަހަލަ ވާހަކައެއް ދެއްކިފައެއް ވެސް ނެތް. އެކަހަލަ ފިޔަވަޅެއް އެޅުމަށް ރޭވިފައެއް ވެސް ނުވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ރާއްޖެއަށް މުދާ އައުމުގައި ޑިލޭތަކެއް އުޅުނު ކަމުގައިވިޔަސް، އެ އެއްޗެހި އައުމުގައި މައްސަލައެއް ނޫޅޭ ކަމަށް އިމްޕޯޓަރުން ބުނެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުން ގިނަ އަދަދެއްގެ ކާޑު ގަންނަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ކުރިން ވެސް އެއްޗެހި ބަލްކުކޮށް ނުގަތުމަށް ދެންނެވުނު. އަޅުގަނޑަށް ފޮޓޯ އެއްޗެހި ފެނިފައި އެބަހުރި. ހަތަރު މީހުން އުޅޭ ގެއަކަށް ތިން ބަސްތާ ހަނޑޫ، ތިން ބަސްތާ ފުށް، ތިން ބަސްތާ ހަކުރު ވައްދާފައި ހުންނަ ތަން ފެނުނު. ރާއްޖޭގައި މި ހުންނަ ހިއުމިޑިޓީ ލެވަލްގައި ގެތަކުގެ ތެރޭގައި ސްޓޯކުރަން އެކަށީގެންނެއް ނުވާނެ އެހާ ގިނަ ދުވަހަކަށް ހަނޑޫ، ފުށް ކަހަލަ އެއްޗެއްސެއް. އެ އެއްޗެހީގައި ފަންގަސް އެޅުމާ މިކަހަލަ ކަންކަން ދިމާވާނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ވަރަށް މުދާ ހުރިކަމުގެ ޔަގީންކަން ކުރިން ވެސް އަރުވާފައިވާނެ ކަމަށެވެ.