ގޭގައި ނަމާދު ކުރުމަށް ގޮވާލައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައިފިއެވެ.
މިއަދުގެ މެންދުރު ނަމާދުން ފެށިގެން ކޮންމެ ނަމާދެއްގެ ބަންގީގައި ގޭގައި ނަމާދުކުރުމަށް ގޮވާލާފައިމިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ޖަމާއަތުގައި ނަމާދާއި ހުކުރު ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނިކޮށެވެ.
ބަންގި ގޮވަމުން އިމާމުން ވަނީ "ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވަވާ! ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވަވާ!" މި ލަފްޒު ދެ ފަހަރު ތަކުރާރު ކޮށްފައެވެ.
އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު އަދި ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިއަސް ކޮންމެ ނަމާދެއްގެ ވަގުތެއްގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވުން ކުރިއަށްދާނެ ކަމަށެވެ. އަދި މިސްކިތްތައް އެއްކޮށް ބަންދު ނުކުރާނެ ކަމަށާއި ބައެއް ގޭގޭގެ ހާލަތު ހުންނަ ގޮތުން، ނަމާދުކުރަން އުނދަގޫ ވެއްޖެ ހާލެއްގައި މިސްކިތަށް އަރައި ނަމާދު ކޮށްލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަމާއަތުގައި ނަމާދުކުރުން ހުއްޓަވާލިޔަސް ހުރިހާ އެންމެންވެސް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ނަމާދަށް ފަރުވާ ބަހައްޓައި ގިނަގިނައިން އިސްތިޣުފާރުކޮށް ގައުމަށް ދިމާވެފައިވާ މި ހާލަތުން ސަލާމަތްކޮށްދިނުމަށް އެދި ކީރިތިވަންތަ މާތް ﷲގެ ހަޒުރަތުގައި ގިނަގިނައިސް ދުއާ ދެންނެވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށް ވަސިއްޔަތް ކުރައްވައިފައެވެ.