ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސްކޫލު ކުދިންނަށް އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ތައުލީމީ މަރުކަޒުތަކަށް އުރީދޫން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
އުރީދޫން ބުނީ ދަރިވަރުންނާއި ޓީޗަރުންގެ ތެރެއިން އުރީދޫގެ ޕްރިޕެއިޑް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ގޫގްލް ކްލާސްރޫމްގެ މޮބައިލް އެޕްލިކޭޝަން ފަދަ ހިދުމަތްތައް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އެލަވަންސްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތް ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން އުރީދޫއަށް ފޯރުކޮށްދޭ ލިސްޓުގައި ހިމެނޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށް އުރީދޫން ބުނެއެވެ.
މީގެ އިތުރުން އުރީދޫގެ ޕްރީޕެއިޑްގެ ކަސްޓަމަރުންނަށް 25 އިންސައްތަ ޑޭޓާ ހިލޭ ދިނުމަށް ވެސް އެކުންފުނިން ވަނީ މިއަދު ނިންމައިފައެވެ.
މީގެ ކުރިން އުރީދޫން ވަނީ ފޯނު ބިލާއި، ފައިބާ އަދި ވަޔާލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ. އަދި މީގެ ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ދޭން ވެސް އުރީދޫން ވަނީ ނިންމައިފައެވެ.
އުރީދޫއިން އަންނަނީ ކޮވިޑް 19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕޭޖަށް އިންޓަނެޓާ ނުލައި ހިލޭ ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ގުޅާއިރު އަންނަ ޓިއުންސް މިހާރު ވަނީ ކޮވިޑަށް ހޭލުންތެރިކުރުމުގެ މެސެޖުތަކަށް ބަދަލުކޮށްފައެވެ.