ލޮކްޑައުންގެ މުއްދަތުގައި މެލޭޝިއާއިން ބޭރަށް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
އެގައުމުގެ ސަރުކާރުން ބުނީ ލޮކްޑައުންގެ މުއްދަތުގައި އެގައުމުގައި ތިބި އެހެން ގައުމުތަކުގެ ފަރާތްތައް ހިމެނޭގޮތަށް އެއްވެސް ފަރާތަކަށް އެގައުމުން ބޭރަށް ނުދެވޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހު 31 ދުވަހުގެ ނިޔަލަށެވެ. މެލޭޝިއާ ލޮކްޑައުންކޮށް އެއްވެސް މީހަކަށް އެގައުމު ދޫކޮށް ނުދެވޭ ގޮތަށް ހަމަޖެއްސުމުން އެގައުމުގައި ތައުލީމު ހާސިލުކުރާ އެތައް ދިވެހި ދަރިވަރުންތަކަކަށް ވެސް އެނބުރި ރާއްޖެ އާދެވޭނެ ގޮތް ވަނީ ނުވެފައެވެ.
މެލޭޝިއާ ލޮކްޑައުންކުރުމަށް ނިންމައި، އެގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ ކޮރޯނާވައިރަސްގެ ހާލަތު އިތުރަށް ގޯސްވަންދެން ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެގައުމު ލޮކްޑައުން ކުރުމުން ކޮވިޑް 19 ފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށްވެސް ޔާސީން ވިދާޅުވިއެވެ.
މިއަދުން ފެށިގެން މެލޭޝިއާ ލޮކްޑައުން ކޮށްފައިވާ އިރު، ލޮކްޑައުންއާ ގުޅިގެން އެގައުމުގައި ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުން ހުއްޓާލެވޭނެއެވެ. އަދި މެލޭސިއާގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކުރެވިގެންދާ އިރު، ބޭރުގެ ގައުމުތަކުންވެސް އެގައުމަށް މީހުންނަށް ނާދެވޭނެއެވެ. ނަމަވެސް މެލޭޝިއާ ސަރުކާރުން ކުރިން ބުނީ ބޭރުގެ ގައުމުތަކުން އެގައުމަށް އަންނަ އެގައުމުގެ މީހުން 14 ދުވަސްވަންދެން ކަރަންޓީން ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އެެގައުމުގެ ހުރިހާ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައްވެސް ބަންދު ކުރެވޭނެއެވެ. އަދި ޒަރޫރީ ހިދުމަތްތައް ދޭ ސަރުކާރު އޮފިސްތަކާއި ކުންފުނިތައް ފިޔަވައި އެހެނިހެން ތަންތަން ބަންދުކުރެވިގެންދާނެއެވެ.
ކޮވިޑް 19އާ ގުޅިގެން މެލޭޝިއާ ލޮކްޑައުންކޮށްފައިވާ އިރު، ރާއްޖެއިން ވަނީ އެގައުމުން މީހުން ރާއްޖެ އައުން މަނާކޮށްފައެވެ.