އަލީ ޔާމިން
ކޮރޯނާވައިރަސް ފެތުރޭ ސަރަހައްދީ ގައުމުތަކުން މީހުން ރާއްޖެ އައުން ހުއްޓުވަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައި އެ ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ކޮވިޑް 19ގެ ސަބަބުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށް މިވަގުތު ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ކޮވިޑް 19އަށް ވީހާވެސް ގިނަ ބަޔަކު ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި ޓެސްޓްތައް އަވަސް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިތަކަށާއި މުޅި އިގުތިސާދަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި، ފަންނުވެރިންގެ އަޑު ސަރުކާރުން އެހުމަށާއި، މި ބަލި ފެތުރެމުންދާ ސަރަހައްދީ ގައުމުތަކުންވެސް މީހުން އައުން ހުއްޓުވުމަށް ގޮވާލާ ކަމަށް ބަޔާނުގައިވެއެވެެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ހާލަތަށް ރިއާޔަތްކޮށް މިވަގުތު ދީނީ ގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ބައެއް ފަރާތްތަކުން ބަސް ބުނަމުން ގެންދާތީ އެ ކޯލިޝަނުން ހިތާމަ ކުރާ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ދެމިއޮންނާނެ ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.