ކޮވިޑް 19އާ ގުޅިގެން ގައިދީންގެ އާއިލީ ބައްދަލުވުންތައް ވީޑިއޯ ކޯލް މެދުވެރިކޮށް ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލުތަކުގެ ޑިރެކްޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް 19 ރޯގާ ރާއްޖެއިން ފެނުމާ ގުޅިގެން ރާއްޖެ އޮތީ ޔެލޯ އެލާޓްގައެވެ. އަދި ރާއްޖެއިން އެބައްޔަށް މިހާރު 13 މީހުން ޕޮސިޓިވްވުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.
ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދު ކުރަން ނިންމައިފައެވެ. އަދި ސަރުކާރު ބަންދުވުމުން ބޭރަށް ނުގޮސް ގޭގައި ތިބުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ވަނީ އަންގައިފައެވެ.
މީގެ އިތުރުން މާލެ އާއި ރިސޯޓުތަކުގައި ހުކުރު ކުރުމާއި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.