އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ، ސީލައިފް ގްލޯބަލްއާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުންވެސް ބައެއް ފަރާތްތަކަށް ގެއްލުން ވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސީލައިފްއަށް ތުހުމަތު ކުރެވޭ މަކަރާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަަމަށެވެ. އަދި މިިހާރު އަންނަނީ އެ މައްސަލަތައް ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.
އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއެކު ހުށަހެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.