ކޮވިޑް 19އަށް ޝައްކުކުރެވިގެން މިހާތަނަށް ނެގި ސާމްޕަތަކުގެ ތެރެއިން 450 ސާމްޕަލް ނެގަޓިވް ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިހާތަނަށް 463 ސާމްޕަލްއެއް ނެގިފައިވާ ކަމަށާއި އޭގެ ތެރެއިން 35 ސާމްޕަލްއެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ.
"ސާމްޕަލްގެ ނަންބަރުތަކަށް ބަލައިލާ އިރު، މިހާތަނަށް 463 ސާމްޕަލްއެއް ނެގިފައިވޭ. 450 ސާމްޕަލްގެ ނަތީޖާ ނެގެޓިވް. ޕެންޑިން ސާމްޕަލްގެ އަދަދު 35،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ސެނަހިޔާގައި ހުންނަ ފްލޫ ކުލިނިކަށް 860 ފަރާތެއް، ސިނަމާލެ ފަހަތުގައި ހުންނަ ޓްރެވަލް ކުލިނިކަށް 237 ފަރާތެއް އަދި ހުޅުމާލެ އެކްސްޕެޓް ކުލިނިކަށް 65 ފަރާތެއް ގޮސްފައިވާ ކަމަށާއި އެ ކުލިނިކުތަކުން ނެގި ސާމްޕަލްއެއް ވެސް ނެގަޓިވް ކަމަށެވެ.
"ސިނަމާލެ ފަހަތުގައި ހުންނަ ޓްރެވަލް ކުލިނިކަށް 237 ފަރާތަކުން ވަނީ ގޮސްފައި. ހުޅުމާލެ އެކްސްޕެޓް ކުލިނިކަށް 65 ފަރާތެއް ވަނީ ގޮސްފައި. މާލެ ފްލޫ ކުލިނިކުން 121 ސާމްޕަލެއް މިއަދާ ހަމައަށް ނެގުނު. ސާމްޕަލް ނެގުނު 121 މީހުންގެ ނަތީޖާ ވެސް ނެގަޓިވް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ ކުރެއްދޫ އިން ނެގި ސާމްޕަލް އާއި ބެންގަލޫރުން އައި ދިވެއްސެއްގެ ސާމްޕަލް އާއި ގިލި ލަންކަންފުށީގައި ދެމީހުންގެ ސާމްޕަލް އާއި އަނަންތަރާ ކިހާވަށް އެއް ބިދޭސީއެއްގެ ސާމްޕަލްގެ ނަތީޖާ ވެސް ނެގަޓިވްވެފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.