ޚަބަރު

މާސްކު އަދި ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދީފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކް އަދި ހޭންޑް ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދީފިއެވެ.

މާސްކް އަދި ހޭންޑް ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިން ފީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވާފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

"ގާނޫނު ނަންބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)ގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކް އަދި ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ އާއި މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުން ނެގޭ ޕްރޮސެސިން ފީ، 18 މާޗް 2020 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ މައާފުކޮށްދެއްވައިފިއެވެ..،" ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މާސްކް އަދި ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ މައާފުކޮށްދެއްވާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުންނެވެ.

މީގެ ކުރިން ސާޖިކަލް މާސްކުގެ ޑިއުޓީގެ ގޮތުގައި ނަގަމުންދިޔައީ 15 ޕަސަންޓެވެ. އަދި ސެނިޓައިޒާގެ ޑިއުޓީގެ ގޮތުގައި ނަގަމުންދިޔައީ ދިހަ ޕަސަންޓެވެ.