ޚަބަރު

ފަން އައިލެންޑް، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފި

ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވީ އެކަމަށް ބޭނުންކުރެވޭނެ ރަށެއްގެ ގޮތުގައި ފަން އައިލެންޑް ކަނޑައަޅާފައިވާ ކަމަށެވެ.

"ޕޮޒިޓިވްވި ކޭސްތަކުގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވޭ. ކަރަންޓީން ފެސިލިޓީ ވިލިވަރުގައި 25 ފަރާތެއް މިވަގުތު އެބަތިބި. ހުޅުލޭ ކަރަންޓީން ފެސިލިޓީގައި 57 ފަރާތެއް. ފަރުކޮޅު އައިސޮލޭޝަންގައި 15 ފަރާތެއް. ޑީއެޗް 11ގައި ދެ ފަރާތެއް. ވެލިދޫގައި އެއްވެސް ފަރާތެއް ނެތް. އަދި މިހާރު ޓުއަރިޒަމް މިނިސްޓްރީން މިވަނީ ފަން އައިލެންޑް، މިކަމަށް ބޭނުންކުރެވޭނެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި. އެ ރަށުގައި ވެސް އެއްވެސް ފަރާތެއް އަދި ނެތް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެކަހެރިކުރުމާއި ކަރަންޓީނުކުރުމަށް ފެސިލިޓީތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ އިތުރުން އއ. ވެލިދޫ، ސަރުކާރަށް ނަގައި، އެތަނުގައި ވެސް ވަނީ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށްފައެވެ.