ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ގެންނަ ބޭރުގެ ޑޮކްޓަރުންގެ ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތުދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޓޫރިޒަމް މިނިސްޓްރީއާ ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ރާއްޖެ ގެންނަ ޑޮކްޓަރުންގެ ޓީމު ނުވަތަ މެޑިކަލް ޓީމު ރާއްޖެ އައިސްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ހަ ފަރާތެއް ކަމަށެވެ.
"އެ ޓީމު މިހާރު ރާއްޖެ އައިސްފި. އެޓީމުގައި ހިމެނެނީ އެމެރިކާގެ ދެ ޑޮކްޓަރުންނާއި ދެ ނަރުހުންނާއި އެމެޖެންސީ ރެސްޕޮންސް އެކްސްޕާޓަކާ އަދި އެޕެޑެމިކް އަދި ޕެންޑެމިކް ކަހަލަގެ ކަންތައްތަކުގެ ތަޖުރިބާ ހުރި މިކަހަލަ ކަންކަން މެނޭޖު ކުރުމުގެ ތަޖުރިބާކާރެއް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ޑޮކްޓަރުންގެ ޓީމުވެސް މަސައްކަތް ކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓީމުގެ ތެރެއިން އެޗްޕީއޭއާއެކު ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ، ރާއްޖެ އަންނަ މެޑިކަލް ޓީމަކީ އެއްމަސް ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮވިޑް 19 ގެ ޓާސްކްފޯހަށް ހަދިޔާކުރާ ޓީމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ގެންނަ މެޑިކަލް ޓީމު ރާއްޖެ އައިސްފައިވާ އިރު، ކޮވިޑް 19 އާ ގުޅިގެން އެބަލީގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭސްތަކާއެކު އިންޑިއާގެ މެޑިކަލް ޓީމެއްވެސް ވަނީ ރާއްޖެ އައިސްފައެވެ.