ޚަބަރު

މަަސް ގަންނަ ފަރާތްތަކުގެ ކޭޝް ފްލޯ ރަނގަޅުކުރުމަށް އެސްޑީއެފްސީން 100 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިފި

އަލީ ޔާމިން

މަސް ގަންނަ ފަރާތްތަކުގެ ކޭޝް ފްލޯ ރަނގަޅުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މަސްވެރިންނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރާއްޖޭން ބޭރުގައި މަހުގެ ޑިމާންޑް ކުޑަވުމުން ރާއްޖޭން ބޭރަށް މަސް ބޭރުކުރުން މަޑުޖެހިފަައި އޮތުމުގެ ސަބަބުން ދިމާވާ މައްސަލަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން އެސްޓީއެފް މެދުވެރިކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"އެސްޑީއެފްސީ މެދުވެރިކޮށް 100 މިލިއަން ރުފިޔާގެ ލޯނު މަސް ގަންނަ ފަރާތްތަކުގެ ކޭޝް ފްލޯ ރަނގަޅު ކުރުމަށް މިހާރު ވަނީ ހަމަޖެހިފައި،" މަބްރޫކް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވެފައި، މަސް ބޭރުކުރުމުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދަތިތަކެއް ހުރުމުން، މަސް ފަހަށް ރައްކާކުރުމަށް ރީފިލް ކޮންޓެއިނާތަކެއް އެސްޓީއެފް މެދުވެރިކޮށް ހެޔޮ އަގުގައި މަސްވެރިންނަށް ލިބޭނެ އިންޒާމު ހަމަޖެއްސުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސްއާ ގުޅިގެން 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި، ކަންނެލި މަސްވެރިން ބަނދަރުތަކުގައި އެބަތިބި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަނުން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.