ޚަބަރު

ފަސް ގައުމަކަށް ދަތުރުކުރާ ދިވެހިންނާއި އެގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

ފަސް ގައުމަކަށް ދަތުރުކުރާ ދިވެހިންނާއި އެގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ، އެކުވެރި އަރަބި އިމާރާތަކާއި މިސްރާއި، ކަޒަކިސްތާނާއި ސްރީލަންކާގެ އިތުރުން ވިއެޓްނާމްގައި ދިރިއުޅޭ ދިވެހިންނާއި އެގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކުވެރި އަރަބި އިމާރާތުގެ ސަރުކާރުން ވަނީ 19 މާޗް 2020 އިން ފެށިގެން، ޑިޕްލޮމަޓިކް ޕާސްޕޯޓުތަކަށް ފިޔަވައި، އެހެން ޕާސްޕޯޓުތައް ގެންގުޅޭ ފަރާތްތަކަށް، އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފައި ކަމަށެވެ. އަދި މިސްރުގެ ސަރުކާރުން ވަނީ މާދަމާ މެންދުރު 12 އިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް، އެ ގައުމުގެ އެއްވެސް އެއާޕޯޓަކުން އެއްވެސް ފްލައިޓެއް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލައިފައި ކަމަށެވެ.

ވިއެޓްނާމުންވެސް ވަނީ ރޭ 12:00 އިން ފެށިގެން ފަތުރުވެރިންނާއި ބިދޭސީން އެ ގައުމަށް ވަނުން މަނާކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ ކަޒަކިސްތާންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، މިމަހުގެ 16ގެ ހެނދުނު 8:00 އިން ފެށިގެން އަންނަނިވި ފަރާތްތައް ފިޔަވައި އެ ގަައުމަށް ވަދެ ނުކުތުން މަނާކުރުމަށް ނިންމާފައި ކަމަށެވެ.

ކަޒަކިސްތާނަށް ވަދެ ނުކުތުން މަނާ ނޫން ފަރާތްތައް:

  • 16 މާޗު 2020 ހެނދުނު 08:00 ކުރިން އެ ގައުމަށް އެތެރެވެފައި، އެނބުރި ގައުމަށް ދަތުރުކުރަން ގަސްދުކުރާ ފަތުރުވެރިންނާއި ބިދޭސީން.
  • ކަޒަކިސްތާން ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން.
  • ކަޒަކިސްތާންގެ މިނިސްޓްރީ އޮފް އެފެއާޒްގެ ދައުވަތަކަށް އެ ގައުމަށް ދަތުރުކުރާ އެހެން ގައުމުތަކުގެ ޑިޕްލޮމެޓުން.
  • ކަނޑުމަގުން ދަތުރު ކުރާ އުޅަނދުތަކާއި މަތިންދާ ބޯޓުތަކުގައި މަސައްކަތް ކުރާ ކްރޫއިން.

ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 19 މާޗު 2020 ގެ ފަތިހު، ސްރީލަންކާ ގަޑިން 04:00 އިން ފެށިގެން ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައްވެސް 19 މާޗު 2020 ގެ ފަތިހު ސްރީލަންކާ ގަޑިން 4:00 އިން 25 މާރިޗު 2020 ގެ 23:59 އާ ހަމައަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި ފަތުރުވެރިންނާއި ބިދޭސީން މި މުއްދަތުގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ. އަދި އެގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުތަކުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގެ އިތުރުން އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.