ކޮވިޑް 19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން ކޮމިޝަނަށް ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރެވޭތީ، އެކި ފަރާތްތަކުން ދައްކަންޖެހޭ އަހަރީ ފީ ދެއްކުން އަންނަ މަހުގެ 30 ވަނަ ދުވަހަށް ހަމަޖައްސައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި މިއަދު ބުނީ މިއަހަރުގެ ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލައި ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަަމަށެވެ.
ބްރޯޑްކާސްޓިން އާއި ރީބްރޯޑްކާސްޓިން އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ ފީތައް ކޮންމެ އަހަރަކުވެސް މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ޖެހެއެވެ. އެ ތާރީހުގެ ފަހުން ދައްކާ ފަރާތްތަކުގެ އަތުން ޖޫރިމަނާއެއް ނަގައެވެ.
މިހާރު ކުރިމަތިވެފައިވާ މި ހާލަތާ ގުޅިގެން މި ތާރީހަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އަލުން އިއުލާނުކުރާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.