މާދަމާއިން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރި ނަމަވެސް މޯލްޑިވް ގޭހުން ދެމުން އަންނަ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް ސަރުކާރު އޮފިސްތައް ބަންދު ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.
މޯލްޑިވް ގޭހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އޮފިސްތައް ބަންދުކުރި ނަމަވެސް އެ ކުންފުނީގެ ހުރިހާ ހިދުމަތެއް ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށެވެ.
މި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުން "އެކަތިގަނޑަކަށްވެ" ހިދުމަތް ހޯދުމަށް މޯލްޑިވް ގޭހުން އިލްތިމާސްކުރެއެވެ.
މޯލްޑިވް ގޭހުން ފޯރުކޮށްދެމުން އަންނަ ހިދުމަތަކާ ބެހޭ މައުލޫމާތެއް ބޭނުންވާ ނަމަ ކުންފުނީގެ ހޮޓްލައިން 1616 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.