ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ކޮވިޑް 19އިން ރައްކާތެރިކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

އަލީ ޔާމިން

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ކޮވިޑް 19އިން ރައްކާތެރިކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ރައްކާތެރިކަމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އެޅި ފިޔަވަޅުތައް ބަޔާންކޮށް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް އުޅޭ މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ. އަދި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތައުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންތިޒާމު މަރުކަޒުގައި ހަމަޖައްސަފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެނަމަ އަދި ހުން އަތުވެއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާދެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް އުޅޭ މަރުކަޒުތައް ގަވައިދުން ސާފުކުރުމާއި މަރުކަޒުތަކަށް ވަދެ ނުކުމެވާ ހުރިހާ ދޮރެއްގެ ކައިރީގައި ހޭންޑް ސެނެޓައިޒާ ހަރުކުރެވި، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގިވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މުއާމަލާތްތައް ކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ މަރުކަޒެއްގައި ކަނޑައަޅައި ޖެންޑާ މިނިސްޓްރީއާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ މަރުކަޒެއްގައިވެސް ގާއިމުކުރެވިފައިވާ ކަމުގައި ބަޔާނުގައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް، ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ހާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒިގައި ގާއިމުކުރުމުގެ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމުގައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ސާކިއުލާގައިވާ ގޮތަށް އެ ސެންޓަރުތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ފަރާތުން ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއް ފެނިއްޖެނަމަ ގޭގައި މަޑުކުރަން އެންގޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މަރުކަޒުތަކުގައި ކޮވިޑް 19އާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ފިންގާޕްރިންޓުގެ ބަދަލުގައި ކާޑު މެޝިން ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމުގައި ޖެންޑާ މިނިސްޓްރީން ބުނެއެވެ.