މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ދިރާގު މަމެން ކަސްޓަމަރުންނަށް ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓު ދޭން ނިންމައިފިއެވެ.
ދިރާގުން މިއަދު ބުނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މި ދުވަސްވަރު ޑޭޓާ ބޭނުންކުރުން އިތުރުވާނެތީވެ، މާޗު މަހުގައި ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ދިރާގުން ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއިފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަަމަށެވެ.
އެގޮތުން، އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަަމަށެވެ. އަދި ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް %30 އިތުރު ޑޭޓާ ވަނީ މިހާރު ދީފައިވާ ކަމަށާއި އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތުލީ ޑޭޓާ ބަންޑަލްތަކުން %30 ޑިސްކައުންޓް ދީފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިރާގުން ބުނެފައިވަނީ ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތުލީ ރެންޓަލްއިން %25 ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ. މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމާ ސެގްމެންޓްތަކަށްވެސް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށެވެ.