ޚަބަރު

އެމެރިކާ އިން އަންނަ ދިވެހިން ކަރަންޓީނުކުރަނީ

އެމެރިކާ އިން އަންނަ ދިވެހިން ކަރަންޓީނުކުރުމަށް ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅަކީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އަޅާ ފިޔަވަޅެއް ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން މާޗް 18 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން އެ ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އެމެރިކާ އިން އަންނަ ދިވެހިން ކަރަންޓީނުކުރުމަށް ނިންމާފައިވަނީ ސަރުކާރުން ކަނޑައަޅާ ވަކި ތަނެއްގައެވެ.

އޭގެ އިތުރުން މާޗް 18 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ކޮވިޑް 19އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތައް ނުވަތަ ސަރަހައްދުތައް ފިޔަވައި އެހެނިހެން ގައުމުކުން އަންނަ ދިވެހިން ވެސް ގޭގައި އެކަހެރިކުރުމަށް ވަނީ ނިންމައިފައެވެ.

އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގައިފައެވެ.