ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީ ހޯދާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުލެއް ނާރާނެ ގޮތުގެ މަތީން ކަމަށެވެ.
"އެފަދަ އެއްބަސްވުމެއް އެއްވެސް ގައުމަކާ ނުކުރެވޭނެ." ޝާހިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އާދަޔާ ޚިލާފު ގާތް ގުޅުމެއް ބާއްވާތީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތަކެއް އޮންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ގައުމެއްގެ ހަމައެކަނި ލީޑަރަކީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތީ އެންމެ ތިންގަޑި އިރަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިތުރު ވަޒީރުން ތަކެއް ހިމެނިވަޑައިގަންނަވާ ޚާއްސަ ވަފުދެއް ވަނީ ދާދި ފަހުން އިންޑިއާ އަށް ވަޑައިގެންފަ އެވެ. މިއީ ރައީސް ސޯލިހުގެ ކެބިނެޓު ހުވާކުރެއްވި ފަހުން ވަޒީރުން އެންމެ ފުރަތަމަ ބޭރު ގައުމަކަށް ކުރެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ ޗައިނާގެ ދަރަނި ދެއްކޭނެ ގޮތެއް ހޯދުމާ އެކު ބަޖެޓު ސަޕޯޓަށް ފައިސާގެ އެހީ ހޯދުމެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އިސްކޮށް ހުންނަވައި ކުރެއްވި އެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ރައީސް އަދި ސަރުކާރުގެ އިސް ފަރާތްތަކާ އެކު ބައްދަލުވުންތައް ކުރިޔަށް ގެންދަވާފަ އެވެ.
މި ދަތުރުފުޅާ ގުޅުވައިގެން އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ވަނީ ތަފާތު ޚަބަރުތައް ރިޕޯޓުކޮށްފަ އެވެ. އެ ގޮތުން ރާއްޖޭގައި ދާއިމީ ގޮތެއްގައި އިންޑިއާގެ ސިފައިން ބޭތިއްބުމާއި ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ އެކު ޗައިނާއާ އެކު އޮންނަ ގުޅުން ކުޑަކުރުމަށް ޝަރުތުކޮށް، ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީގެ ފެސިލިޓީއެއް ހުޅުވައިލަން އިންޑިއާ ތައްޔާރަށް އޮތް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ މީޑިއާ ރިޕޯޓުތަކާ ގުޅިގެން ދިވެހީންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބިރަކަށް ވެދާނެ ޝަރުތުތަކެއް ކަމަށް އަންނަނީ ބުނަމުންނެވެ.
އިންޑިއާ އަދި ބައިނަލް އަގުވާމީ އެހެން މީޑިއާ ތަކުން ރިޕޯޓުކޮށްފައި އެވާ ފަދަ ސީރިއަސް ޝަރުތުތަކެއް އިންޑިއާއިން ކުުރިކަމެއް ވެސް ނުވަތަ ނޫން ކަމެއްވެސް އަދި ވަނީ ޔަގީން ނުވެފަ އެވެ. އެ މަޝްވަރާ ތަކުގައި އެފަދަ ޝަރުތުތަކެއް އިންޑިއާއިން ހުށަހަނާޅާ ކަމަކަށް ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކުން އަދި ބުނެފައެއް ނުވެ އެވެ.