ޚަބަރު

ހާއްސަ ފިޔަވަޅުގެ ދަށުން ސަރުކާރު ބަންދުކުރާ މުއްދަތުގައި ކޯޓަށް ފަނޑިޔާރުން ނުކުންނާކަށް ނުޖެހޭނެ: ޖޭއެސްސީ

އިބްރާހިމް ޒަކީ

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ ނުރައްކަލާ ގުޅިގެން ސަރުކާރުން އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން ސަރުކާރު ބަންދު ކުރެއްވުމަށް ނިންމަވާފައިވާ މުއްދަތުގައި އާއްމު އުސޫލުން ކޯޓްތަކަށް ފަނޑިޔާރުން ނުކުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

ޖޭއެސްސީން ބުނީ އެ މުއްދަތުގައި އާއްމު އުސޫލުން ފަނޑިޔާރުން ކޯޓުތަކަށް ނުނިކުންނެވިޔަސް ރައްޔިތުންނަށް ކޮންމެހެން ލިބިދޭންޖެހޭ ހިދުމަތްތަކުގެ ތެރޭގައި ޝަރުއީ ކޯޓުތަކުގެ ހިދުމަތްތައް ހިމެނިފައިވާތީ، ކޮންމެހެން ޝަރީއަތުގެ މަޖިލީހެއް ބާއްވަން ޖެހއިްޖެނަމަ، ނުވަތަ މައްސަލައިގެ ބާވަތުން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓަށް ނިުކުންނަވައިގެން އެ މަސައްކަތްތައް ކުރިއަށްގެންދަވަން ވާނެ ކަމަށެވެ.

ޖޭއެސްސީން ބުނީ ހުޅުމާލެ މެޖިސްޓްރޭޓްކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.