ޚަބަރު

ސަރުކާރުގެ ބަޖެޓުން މުސާރަ ދޭ ހުރިހާ މުވައްޒަފުންނަށް މިމަހުގެ އޯޓީ ލިބޭނެ: ފިނޭންސް

މަރިޔަމް ޝަހުދާ

ސަރުކާރުގެ ބަޖެޓުން މުސާރަ ދޭ ހުރިހާ މުވައްޒަފުންނަށް މިމަހުގެ އިތުރު ގަޑީގެ ފައިސާ (އޯޓީ) ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫނު ވިދާޅުވީ މިމަހުގެ މުސާރައާއެކު ހުރިހާ މުވައްޒަފުންނަށް އޯޓީ ނުލިބިދާނެ ކަމަށެވެ. ނަމަވެސް މި މިމަހުގެ މުސާރައާއެކު އޯޓީ ނުލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ މުސާރައާއެކު މިމަހުގެ އޯޓީ ދޭނެ ކަމަށް ޝަނޫނު ވިދާޅުވިއެވެ.

އަންނަ ހަފްތާއަކީ ސަރުކާރުގެ ބަޖެޓުން މުސާރަ ދޭ މުވައްޒަފުންގެ މުސާރަ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރާ ހަފްތާއެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން އާންމުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ އަންނަ ހަފްތާ ބަންދު ކުރުމަށް ނިންމައިފައެވެ. އަދި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ބަޖެޓުން މުސާރަ ދޭ ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ޕްރޮސެސް ކުރުމުގެ ކަންކަން މިއަދަށް ނިންމުމަށް އަންގައި ސާކިއުލާއެއް ނެރެފައެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާގައި މުސާރަ ޝީޓް ތައްޔާރު ކުރާއިރު އަސާސީ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގެން ހުރުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ އާއި އުނިކުރާ ގަޑީގެ ފައިސާގެ މައުލޫމާތު ނުހިމެނުމަށް އަންގާފައިވެއެވެ.

އެއާއެކު މިމަހުގެ މުސާރަ ފޮނުވާއިރު މިމަހުގެ އޯޓީ ނުހިމަނާނެ ކަމަށް ޝަނޫނު ވިދާޅުވިއެވެ. އަދި މިމަހުގެ އޯޓީ ހިމަނައިގެން މުސާރަ ޝީޓު ހަދަން އުޅެފިނަމަ މުސާރައިގެ ޑީލޭއެއް އަންނާނެ ކަމަށް ޝަނޫނު ވިދާޅުވިއެވެ. އަދި އަންނަ މަހު މިމަހުގެ އޯޓީ ހިމަނައިގެން މުސާރަ ޝީޓު ތައްޔާރުކޮށް، ކުރިއަށް ހުރި މަސްމަހުގައި ގެންނަން ހުރި އެޖަސްޓްމަންޓުތައް ގެންނާނެ ކަމަށް ޝަނޫނު ވިދާޅުވިއެވެ. ނަމަވެސް ބައެއް އޮފީސްތަކުން ދުރާލާ މިކަމަށް ތައްޔާރުވެފައި ހުރުމުން އޯޓީއާއެކު މުސާރަ ޝީޓު ހުށަހަޅާފައިވާ ކަމަށް ޝަނޫނު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ މި ސާކިއުލާއާ ގުޅިގެން ގިނަ ބަޔަކަށް ވަނީ އޯޓީގެ ކަންކަމުގައި އޮޅުންތަކެއް އަރައިފައެވެ. މިކަމާ ގުޅިގެން ޝަނޫނު ވަނީ މިމަހުގެ އޯޓީ ފައިސާ ނުލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ މުސާރައާއެކު އެ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.