އަލީ ޔާމިން
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސުތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް އޮފީހުން ފުރަތަމަ ހުޅުވާލި މުއްދަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި ހުސެއިން މުހައްމަދު ހަނީފަށް ރުހުން ނުދިނުމަށް މިމަހުގެ ދެވަނަ ދުވަހު މަޖިލީހުން ނިންމުމާ ގުޅިގެން ރައީސް އޮފީހުން ވަނީ އެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް އަލުން ހުޅުވާލައިފައެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު 2 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލެވޭނީ ގާނޫނީ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވެއެވެ. އަދި އެމީހަކީ ބުއްދި ސަލާމަތުން ހުރި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުންނާއި ރައީސް އޮފީހުން ލިބޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.