ޚަބަރު

ހާލަތު ރަނގަޅުވާތާ 45 ދުވަސްތެރޭ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓް އަދި ހިންގާ ކޮމިޓީ ހުށަހަޅަން ފުރުސަތު ދީފި

އައިދާ އަބްދުލް ހަކީމް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު ނިމި އާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮވިޑް19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކަރަމުންދާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް މިކަމަށް ރައްކާތެރިވުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ގުޅިގެން ޖަމްއިޔާތަކުގެ ރަޖިސްޓްރާ ލިބިދޭ ބާރުތަކުގެ ތެރެއިން ޖަމިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ކުއްލި ހާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 17 ގެ ފަހުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު ކުއްލި ހާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ ސަރުކާރުން ނިންމާފައިވާ އާންމު ސިއްހަތުގެ ކުއްލި ހާލަތު ނިމި އާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ގިނަ މީހުން އެއްތަނަކަށް އެއްވެ ޖަމްއިޔާތަކުން ހިންގާ ޕްރޮގްރާމްތައްވެސް މަޑުޖައްސާލުމަށް ޔޫތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖަމިއްޔާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް އީ-މެއިލް މެދުވެރިކޮށް ފޮނުވުމަށް އެދިފައެވެ.

ޔޫތު މިނިސްޓްރީން މިއަދު އެހެން ބުނެފައިވާ އިރު، އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ފަސްކޮށްފައިވާ ކަމަށާއި އަހަރީ އާންމު ޖަލްސާ އަދި ހިންގާ ކޮމެޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޖަލްސާތައް، ސަރުކާރުން ނިންމާފައިވާ ކުއްލި ހާލަތުގެ ނިމުމާ ހަމައަށް ފަސްކޮށްފައިވާ ކަމަށެވެ.