ދޮގު ހަބަރު ފެތުރުން އާންމުވުމުގެ ސަބަބުން މުޖުތަމައުގައި އުފެދެން ނުޖެހޭ ބިރުވެރިކަން އުފެދޭ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކު މިހެން ވިދާޅުވީ ކޮވިޑް 19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަބްރޫކު ވިދާޅުވީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތައް ހަބަރުތައް ފަތުރާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން ވަކިން ގުޅާފައިވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އޮތް ހަބަރެއްގެ ހަގީގަތް ބަލަން ނޫސްވެރިން މަސައްކަތް ކުރާ ކަމަށެވެ.
މިގޮތަށް އަންނަ ހަބަރު ތަކާއި ގުޅިގެން ކަންކަން "ނެވިގޭޓް" ކުރަން ދަތިތަކާ ކުރިމަތިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެކި ސަރަހައްދުތަކުގައި އުފެދެން ނުޖެހޭ ބިރުވެރިކަން އުފެދޭ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާ ވަރަށް ވެސް ކަންކަން ދާ ކަމަށް މަބުރޫކު ފާހަގަކުރެއްވި އެވެ.
މަބުރޫކް ވިދާޅުވީ އާންމު ފަރާތްތަކުން ޕޮލިހުންނަށް ވެގެން ބަލިމީހުންގެ މައުލޫމާތު ހޯދުމަށް ހެލްތު ވޯކަރުންނަށް ގުޅާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި ތަނެއްގައި ޕޯސްޓެއް ޖަހާލާ ހިތުން، "ލައިކް ކޮޅެއް" ހޯދުމަށް ކުރާ މިފަދަ ކަންކަމީ ގާނޫނާއި ހިލާފު ކަންކަން ކަމަށް މަބްރޫކު ފާހަގަ ކުރެއްވިއެވެ. އަދި މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުން ފަދަ ކަންކަމަށް އަމަލު ކުރާނެ ވަކި އުސޫލުތަކެއް ގާނޫނުގައި ހުންނަ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ވަގު އެކައުންޓެއް ހަދައިގެން ކޮންމެ މީހަކަށްވެސް މިފަދަ ކަންކަން ކުރެވިދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް ތިމާގެ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް، އެފަދަ ދޮގު ހަބަރު ނުފެތުރުމަށް މަބުރޫކު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސަރުކާރުން މައުލޫމާތު ފޮރުވުމަށް މަސައްކަތް ނުކުރާނެ ކަމަށް މަބްރޫކު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މައުލޫމާތެއް ނުދެވި ދާ ވަގުތަކީ އެކަން ކަށަވަރުކުރުމަށް ދާ ވަގުތު ކަމަށާއި، ކަމުގެ އަޕްޑޭޓްތައް އަންނަ ވަރުން މައުލޫމާތު ހިއްސާ ކުރަމުން ގެންދަވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
މަބުރޫކް މި މޭރުމުން ވާހަކަދެއްކެވި އިރު، ކޮވިޑް19 އާއި ގުޅުވައިގެން އެޗްޕީއޭގެ ނަމުގައްޔާއި އެނޫން ވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ނަމުގަިއ ފޭކު ބަޔާންތައް ވެސް ބައެއް ފަރާތްތަކުން ވަނީ ފަތުރާފަ އެވެ.