ޚަބަރު

ނޭޝަނަލް ރަޖިސްޓްރޭޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ބެހޭގޮތުން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނަސްފިއެވެ.

އެޑިޕާޓްމަންޓުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ޑިޕާޓްމަންޓުގެ ހިދުމަތްތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެޕްލިކޭޝަން ހުށަހެޅުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:05 އިން 12:00 އަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ދޫކުރާނީ ދުވާލަކަށް 50 ނަމްބަރު ކަމަށްވެސް ބުނެފައި ވެއެވެ.

ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ އައިޑީކާޑު ނެގުމަށް ނަންބަރު ދޫކުރުން އޮންނާނީ 8:05 އިން ފެށިގެން 1:00 އަށް ކަމަށާއި، ނަމަވެސް ކާޑު ދޫކުރާނީ 9:00 އިން ފެށިގެން ކަމަށެވެ. އަތޮޅުތަކުން ހަދަން ހުށަހަޅާ ކާޑު ދޫކުރަން ނަންބަރު ދޫކުރާނީ 8:05 އިން 11:00 އަށް ކަމަށާއި އެފަދަ ކާޑުތައް ނެގުމަށް ދޫކުރާނީ ވެސް 50 ނަމްބަރު ކަމަށް ބުނެފައިވެއެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެތަނުން ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން ފޯމް ފުރުއްވުމަށާއި ސޮއި ކުރެއްވުން ފަދަ ކަންކަމަށް އެބޭފުޅެއްގެ އަމިއްލަފުޅު ގަލަމެއް ބޭނުން ކުރެއްވުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ ކޮވިޑް 19ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާތީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ވަކި މުއްދަތެއް އަންގަންދެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ހިދުމަތް ދެމުންގެންދާ އެފްޑީއައި އިން މި ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަޑާލާފައިވާ ކަމަށެވެ.